ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެކަމާއިބެހޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ހުށަހަޅުއްވާފައިވާ ކަރުދަހާމެދު ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުއެވެ.

Ad
rt

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނިކަމުގައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ނިންމެވިއެވެ.

ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްޤީކުރުމަށް ވެސް ވަޒީރުންގެ މަޖީލިހުގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ވަނީ ނިންމަވާފައިވެއެވެ.