އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ދެ ފަރާތަކާއި އިއްޔެ ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒު ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މިސްކިތްތައް އަޅަން ހަވާލުކޮށްފައި ވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާ އެވެ.
މި ދެ ފަރާތުން ވެސް އެ ހުޅުމާލޭގައި މި ދެ މިސްކިތް ބިނާކޮށްދޭނީ އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ.
މީގެ އިތުރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އިއްޔެ ވަނީ މާލޭގެ ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް އެސްޖޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އިއްޔެ ހަވާލުކޮށްފައެވެ.
އެ ކުންފުނީގެ ޚަރަދުގައި އެ މިސްކިތް އަލުން ބިނާކޮށްދެނީ ތިން ބުރި އަށެވެ.
ސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ''އެކްސް''ގައި ވިދާޅުވެފައިވާގޮތުގައި މާލޭގެ ބަރުބަރީ މިސްކިތް 2 ބުރިއަށް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދިނުމަށް އަމިއްލަ ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެހެންވެ އެ މިސްކިތް ދެ ބުރިއަށް އަޅަން މި އަދު އެފަރާތާއި ހަވާލު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ދެ ފަރާތަކާއި އިއްޔެ ހަވާލުކުރިއިރު، ހުޅުމާލޭ ފޭސް 2 ގައި އަމިއްލަ މީހުންގެ އަޅަމުންދާ ދާއިމީ ފަސް މިސްކިތުގެ ތެރެއިން ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ ކަމަށާއި، ހުރިހައި ދާއިމީ މިސްކިތްތައް ގިނަވެގެން 2 އަހަރު ތެރޭ ނިންމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!