ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.

ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.

Ad
rt

މި ސަމިޓުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އިންސާނުން ހޯދަމުންދާ ކުރިއެރުންތަކާއެކު ދުނިޔެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން އަންނަމުންދާ ކަމަށާއި އެހެންނަމަވެސް ހަމަ އެފަދައިން ހަނގުރާމަތަކާއި ކާރިސާތަކުގެ ސަބަބުން މުޖުތަމަޢުތައް ނުތަނަވަސްކަމާއި ބިރުވެރިކަމާ ކުރިމަތިލާންޖެހޭކަން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި، ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި އިސްރާއީލުން ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް ވަނީ އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވައެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ތަކުރާރު ކުރެއްވިއެވެ.

އިސްރާއީލުން ހިންގާ މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިސްރާއީލުގެ މިއަމަލުތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް ނައިބު ރައީސް ވަނީ ދެކުނު އެފްރިކާއަށް ތަޢުރީފުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްޙަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.

ނައިބު ރައީސް ހުސެން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ތަގްރީރުކުރައްވާފައިވާއިރު، ނާމްގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެވީ 1976 ވަނަ އަހަރުއެވެ. އެ ޖަމާއަތުގައި ޖުމްލަ 120 މެންބަރު ޤައުމު ހިމެނެއެވެ.