މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ކުޅުދުއްފުށީ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެރަށުގައި ހުންނަ ކަނބުރުގެއަށާއި ރަށްވެހި އާސާރަށް ޒިޔާރަތް ކުރައްވައި ރަށުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވައި، ވަޒީރުގެ ދާއިރާއާއިގުޅޭ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިގޮތުން ވަޒީރު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، އެ ސިޓީގައި މިހާރު ދަރިވަރުންނަށް ލިބެން ހުރި އަދި އިތުރަށް ތަރައްޤީ ކުރެވިދާނެ މަތީ ތަޢުލީމާއި ތަމްރީނު އަދި ވަޒީފާގެ ފުތުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Ad
rt

މީގެ އިތުރުން އެ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކެމްޕަހަށް ޒިޔާރަތްކުރައްވައި، އެ ކެމްޕަސް ބައްލަވާލައްވާފަވެއެވެ. އަދި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަނުންދޭ ޚިދުމަތްތައް ކުރިއަރުވައި ފުޅާކުރުމާ މެދު މަޝްވަރާކުރެއްވިއެވެ.

ވަޒީރުގެ މި ދަތުރުގައި ކުޅުދުއްފުށީ ސިޓީގެ 3 ސްކޫލުގެ މެނޭޖްމަންޓާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ދަރިވަރުންގެ ހުނަރުވެރިކަން ކުރިއެރުވުމާ މެދު މަޝްވަރާކުރެއްވިއެވެ.

ވަޒީރު ކުޅުދުއްފުށީގެ ކަނބުރުގެއަކަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ކުރެވެމުންދާ އުފެއްދުންތެރި މަސައްކަތްތެރިކަމާގުޅޭ ކަންކަން ބައްލަވައިލެއްވުމުގެ އިތުރުން އެރަށުގައި ހުންނަ ރަށްވެހި އާސާރަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ހުރި ދިވެހި ދިރިއުޅުމުގެ ޤަދީމީ އާސާރުތައް ބައްލަވައި، އެ މަސައްކަތުގެ މޭސްތިރިޔާ ޢާރިފް ޢަލީގެ އެ އުފެއްދުންތެރި މަސައްކަތްތަކަށް ހިއްވަރުދެއްވައި ތަޢުރީފުކުރެއްވިއެވެ.

ވަޒީރުގެ މި ދަތުރުގައި ފުރަތަމަ ވަޑައިގަތީ ހއ. ދިއްދޫ އަށެވެ. އެރަށަށް ވަޑައިގެން އ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްލެއްވިއެވެ. އަދި ދިއްދޫ ކައުންސިލާއި، އެރަށުގައި ހުންނަ ހއ. އަތޮޅު ކައުންސިލާއި، އެރަށުގެ ކްލަބް ޖަމިއްޔާތަކާއި، އެރަށުގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި ދިއްދޫގައި ޓިވެޓް ޕްރޮގްރާމްތައް ހިންގުމަށްޓަކައި ދެފަރާތުން އެއްބާރުލުންދީގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.