ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީވާހަކަތައް މިއަދު ފަށައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޢިއުލާންކުރެއްވީ އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށްފަހު 3 ޑިސެމްބަރު 2023 ގައި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވީ ދުބާއީގައި ބޭއްވި 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި 1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީއެއް ވަނީ އުފައްދަވާފައި ކަމަށެވެ.
''މި ކޮމެޓީގެ ބައްދަލުވުމެއް މިއަދު ޚާރިޖީ ވުޒާރާގައި ކުރިއަށް އެބަދޭ. މި ބައްދަލުވުން ނިމުމުން، ބައްދަލުވުމާ ގުޅޭ އިތުރު މަޢުލޫމާތު ޚާރިޖީ ވުޒާރާއިން ހާމަކުރައްވާނެ.'' ރައީސް އޮފީހުން ބުނެފަވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ފުރަތަމަ އެދުނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޖެހިގެން އައި ދުވަހު، އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު، 18 ނޮވެމްބަރު 2023 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކޮށްލެއްވުމުގައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. އަދި މިކަން ވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު ''ހަފުތާ14''ގައި ވެރިކަމުގެވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެށުމަށް ހިމަނާފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!