ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެ ސިޓީއަށާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

މި މަހުގެ 13 ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރު އަދި އެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރާ ވާހަކަ ދެއްކި ނަމަވެސް އަމަލުން އެކަން ތަންފީޒު ކުރި ތަނެއް ނުފެނުނު ކަމަށެވެ. މިއަދު ރާއްޖޭގެ ހާލަތު ބަދަލުވީ އިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް މިއަދު އެ ވަޑައިގަތީ ރާއްޖޭގައި އެންމެ ރަނގަޅު ކައުންސިލްގެ މޭޔަރުކަން ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

Ad
rt

އެއާ އެކީގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު "ފުލް ފްލެޖް" ގައި ހިނގަމުން އަންނަ ތަން ފެންނަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެންމެ ރަނގަޅަށް މަސައްކަތް ކޮށްދެއްވާނެ ރައީސެއްގެ ގޮތުގައި މިވީ 45 ދުވަހުގެ ތެރޭގައި ސާބިތުކޮށް ދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދީގެން ނޫނީ ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ނުހިނގާނެ ކަމަށެވެ. އަދި ސަރުކާރުގެ އެއްބާރުލުމާ ނުލައި ރައްޔިތުންނަށް ހިދުމަތް ވެސް ނުދެވޭނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރައްވާނެ މާލެ ސިޓީ ކައުންސިލެއް އެ ތަނުގައި ގާއިމު ކުރެއްވުން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޓީމަކީ ރައީސް މުއިއްޒު އާ އެކީގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"މާލެ ސިޓީގައި ހުރި މައްސަލަތައް ރަނގަޅަށް އެނގިވަޑައިގެން އެމަނިކުފާނު އެ ހުންނެވީ އެ ހައްލުތައް ހޯޢްދަވަން. އެމަނިކުފާނު ބޭނުންފުޅުވޭ އެމަނިކުފާނާ އެކީގައި މަސައްކަތް ކުރައްވާނެ އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ މި ސިޓީގެ ކައުންސިލަރުންތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި އޭނާގެ ޓީމުން އެކަމުގައި މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ. އަދި މާލޭގެ ތަރައްގީ މަޑުޖައްސާނެ ބަޔަކު ހޮވައިގެން ނުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް މުއިއްޒުގެ ތަރައްގީގެ ސްޕީޑް ބާރުކޮށް ދިނުމަށްޓަކައި ތިޔަބޭފުޅުން ޕީއެންސީގެ ހަތަރު ކެންޑިޑޭޓުން ހިޔާރު ކުރެއްވުން އެދެން،" ޝިޔާމް ވިދާޅުވިއެވެ.