ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލްކުރެއްވި އެ ޕާޓީގެ 13 މެންބަރަކު އެމްޑީޕީން ކެނޑި، ވެރިކަންކުރާ ޕާޓީއާއި ގުޅުމުން ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުންގެ ފާޑުކިޔުން އެމްޑީޕީއަށާއި ކުރީގެ ރައީސަށް އަމާޒުވެއްޖެއެވެ.
އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފައެވެ.
މެންބަރުންތަކެއް ޕީއެންސީއަށް ދިޔުމުން އެމްޑީޕީއަށާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުކީ ޑިމޮކްރެޓްސްގެ މެންބަރުންކުރެ އެ ޕާޓީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަން ސިފަކުރެއްވީ، އެއީ ކުރީގެ ރައީސް ޞާލިޙް، އެމްޑީޕީ އަށް ދެއްވި ލަނޑެއްގެ ގޮތުގައެވެ.
‘’އިބޫ ސޯލިހަށް ވެދުންސަލާމަށްފަހު ދަންނަވާލަ ދެއްވާބައްލަވާ ރައްޔިތިންތަކެއް ބޮޑު ގުރުބާނީ އަކުން އުފެއްދި ޕާޓީއަކަށް ދިން ލަނޑު’’ ކުރީގެ ރައީސް ޞާލިޙް ޓެގް ކުރައްވައި އިންތި ‘’އެކްސް’’ގައި ލިޔުއްވާފަވެއެވެ.
މެންބަރުންތައް ޕީއެންސީއަށް ވަޑައިގަތުމުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެފައި ވަނީ ވަރުގަދަކަންމަތީ އިދިކޮޅުގައި ފޯރިއާއި ޖޯޝު ގެނުވި ޕާޓީ މިއަދު އިދިކޮޅުގައި އެކުގައި ތިބެ އެއް މަސް ވެސް ހޭދަނުކުރެވުނު ކަމަށެވެ. އަދި އެކަމާ މާބޮޑަށް ވެސް އެމްޑީޕީން ވިސްނާނެކަމަށާއި، މެންބަރުންތައް ވަކިވުމުން ހިތާމަކުރައްވާ ކަމަށް ސިއްޕެ ވިދާޅުވެފަވެއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވައްޑޭ މިކަމުގައި ފާޑުކިޔުން އަމާޒު ކުރެއްވީ ކުރީގެ ރައީސް ޞާލިޙަށެވެ.
’’އިސްލީޑަރަކަށް ހުރެ ޕާޓީ ހިފަހައްޓަން ނޭނގުނު މީހަކަށް، ވެރިކަމުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ސާޅީސް ޕަސެންޓް ވޯޓު ހަމަނުކޮށްލެވުނު މީހަކަށް، އިންތިޚާބު ނިންމާފައި އާއްމު މެމްބަރުންނާ ބައްދަލުކޮށްލަން ނޭނގުނު މީހަކަށް، ދެންވަކިން އެމްޑީޕީއަށް ކުރިއެރުމެއް ހޯދައެއް ނުދެވޭނެ.’’ ކުރީގެ ރައީސަށް ފާޑު ވިދާޅުވެ ވައްޑޭ ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ވެސް ދަ ޑިމޮކްރެޓްސްގެ އެކްޓިވިސްޓުންނާއި މެންބަރުން އަންނީ މި ކަމުގައި އެމްޑީޕީ އާއި އެ ޕާޓީގެ ވަގުތީ ރައީސް ކުރީގެ ރައީސް ޞާލިޙްގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) އަށާއި މި ނޫން ވެސް އެ ޕާޓީގެ އިސް އެކި މެންބަރުންނަށް ‘’މެންބަރުންތައް ހިފަހައްޓާނުލެވުނު ކަމަށް ބުނެ’’ މީސްމީޑިއާގައި ފާޑު ކިޔަމުންނެވެ.
އެމްޑީޕީދޫކޮށް ޕީއެންސީއާ ރޭ ގުޅިވަޑައިގަތް މެންބަރުންނަކީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ)، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ (އާދަންކޮ)، މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު (ފޭދޫ މީހާ)، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް (ގަންޏަ)، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)، ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުޙުސިން ހަމީދު (ޖޭފޯ) އަދި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!