ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުން ފަށަން ސަރުކާރުން ނިންމައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލަރެއް މެދުވެރިކޮށް މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަވެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ސާކިއުލަރުގައި އެދިފައިވާއިރު، މާލޭގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރާނީ ސަލްމާން މިސްކިތުގައެވެ. ހުޅުމާލޭގައި މަސްޖިދުލް އަލްސާނީ މިސްކިތުގައި އަދި ވިލިމާލޭގައި މަސްޖިދުލް ބިއްރު ގައެވެ.
ފަތިސް ނަމާދުން ދުވަސް ފެށުމަކީ އިސްލާމްދީނުގެ މުހިންމު އަސާސްއަކަށްވެފައި، މިކަމުގެ ސަބަބުން ދިވެހީންގެ މެދުގައި ޒަމާނުންސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާވެގެން ދާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނެފަވެއެވެ.
ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ސުނާމީގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި، ރާޅު އެރި ކަމަށް ރެކޯޑް ކުރެވިފައިވާ ގަޑި، ހެނދުނު 9:23 ގައި ހަމަހިމޭން ކަމުގެ ސްކޫތެއް ގެނައުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަނޑައަޅާފައިވާ ސޭފް ޒޯނު ސަރަހައްދަށް އެއްވެ މި ސްކޫތުގައި ބައިވެރިވުމަށް އެ ވުޒާރާއިން އެދިފަވެއެވެ.
ރާއްޖޭގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. އެދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއާއި ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.
އެ ދުވަހުގެ ހެނދުނު ރާއްޖޭ ގަޑިން 9:23 ގައި ރާއްޖޭގެ ރަށްތަަކަށް އެރި ސުނާމީ ރާޅަކީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުންބޮޑު ކާރިސާއެވެ. މި ކާރިސާގައި 82 މީހުންގެ ފުރާނަ ގެއްލި، 26 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު މި ސުނާމީގައި ދުނިޔޭގެ 14 ގައުމަކުން 230000 އާއި 280000 އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!