ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއަށް ޝަރަފްވެރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ، ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ދިނުމަށް ނިންމާފައިވާ "ދޮންއުމަރު އެވޯޑް" ދިނުމުގެ އުސޫލް އާންމުކޮށްފިއެވެ.
މި އެވޯޑަކީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ފަރާތްތަކަށާއި، ދުނިޔޭގެ ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގެ އިތުރުން ރަށު ފެންވަރުގައި، އެ ރަށަށް ޚިދުމަތްކޮށްދީ ރީތިނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ފިއްލަދޫ ކައުންސިލުން ވަނީ ޖުމްލަ ފަސް ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމާފައެވެ. މިގޮތުން ޝަރަފްވެރިކަމުގެ އެވޯޑްގެ ދަށުން ޖުމްލަ 11 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާ ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާ، ދިވެހިބަހާ އަދަބިއްޔާތު އަދި ތާރީޚާ ސަޤާފަތުގެ ދާއިރާ، ތަޢުލީމީ ދާއިރާ، ސިއްހީ އަދި ދިވެހި ބޭސްވެރި ކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ތިމާވެށީގެ ދާއިރާ، އުފެއްދުންތެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާގެ އިތުރުން ވިޔަފާރިއާ އިގްތިޞާދުގެ ދާއިރާއެވެ.
މަތީދަރަޖަ އެވޯޑް ޖުމްލަ ފަސް ބަޔަކުން ދިނުމަށް ވަނީ ނިންމާފައެވެ. އެ ބައިތަކަކީ ސާނަވީބަޔާއި، މަތީ ސާނަވީބަޔާއި، ޑިގްރީން ފެށިގެން މަތީ ދަރަޖައިގެ ބައި، ޕީއެޗްޑީގެ ބައި، ހާފިޒުންގެ ބައިގެ އިތުރުން ކުޅިވަރުގެ ބައެވެ.
ހިތްވަރު ދިނުމުގެ އެވޯޑް ޖުމްލަ ބާރަ ދާއިރާއަކުން ދިނުމަށް ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާ ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާ، ދިވެހިބަހާ އަދަބިއްޔާތު އަދި ތާރީޚާ ސަޤާފަތުގެ ދާއިރާ، ތަޢުލީމީ ދާއިރާ، ސިއްހީ އަދި ދިވެހި ބޭސްވެރި ކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ތިމާވެށީގެ ދާއިރާ، އުފެއްދުންތެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ވިޔަފާރިއާ އިގްތިޞާދުގެ ދާއިރާގެ އިތުރުން މަސައްކަތްތެރި ކަމުގެ ދާއިރާއެވެ.
ހާއްސަ ހިދުމަތުގެ އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ އެ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ރައްޔިތުންނަށް ޓަކައި ފާހަގަ ކުރެވޭފަދަ އެކަށިގެންވާ ހިދުމަތެއް ނުވަތަ ހިދުމަތްތަކެއް ނުވަތަ ފައިސާގެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްކަށެވެ.
ލައިފް ޓައިމް އެޗީވްމަންޓް އެވޯރޑް ދިނުމަށް ހަމަޖެހިފައި ވަނީ އެ ރަށަށް އެންމެ ފާހަގަ ކުރެވޭ އެކަށީގެންވާ ޙިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ދުނިގޭއި ހުންނެވި ފަރާތްތަކަށް ބެލުމަށްފަހު، 75 އިންސައްތަ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
މި އެވޯޑްގެ ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ހިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ އިއްޒަތްތެރީންގެ އަގު ވަޒަން ކުރުމާއި، އެ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާއި ހިދުމަތްތެރިންނާއި، ދަރުމަވެރީންގެ އަގުވަޒަން ކުރުމާއި ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ރީތިނަމާ ޝަރަފް އެ ރަށަށް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާއި ދާއިރާތައް ކުރިއެރުމުވުގައި ހިދުމަތުގައި ދެމިތިއްބެވި ފަރާތްތަކުގެ އަގު ވަޒަންކުރުމާއި ތައުލީމާއި ސިއްހަތާއި ތިމާވެއްޓާއި ކުޅިވަރާއި ވިޔަފާރިއާ އިގްތިސާދު ފަދަ ދާއިރާތަކުން ހުނަރުވެރި އަހުލުވެރި ޖީލެއް ބިނާކުރުމާއި ބިނާކުރަނިވި މަންފާހުރި އާރުލާ މަސައްކަތްތަކެއް ކުރުމުގެ ރާސްތާ އަލިކޮށް ދިނުމާއި، ދީނި ތައުލީމު ކުރިއެރުވުމަށް ހިތްވަރު ދިނުމާއި، ދީނީ ހޭލުންތެރިކަން އުފެއްދުމަށް ހިތްވަރުދީ ދިވެހިބަހާ އަދަބިއްޔާތާއި، ތާރީހާއި ސަގާފަތް ނަގަހައްޓާ ދެމެހެއްޓުމަށް ބާރުއަޅައި ހިތްވަރު ދިނުމާއި ބިނާކުރަނިވި ނަފާހުރި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް މަގުފަހި ކޮށްދިނުމާއި، އެ ރަށުގެ މުއައްސަސާތަކާއި ކްލަބު ޖަމާއަތްތަކުގެ އިޖުތިމާއީ ރޫހު އާލާކުރުމާއި ރަށުވަންތަ ލޯބީގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމާއި އެފަދަ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!