ހއ. އުތީމުގައި ސްޓޭޓް ހައުސްއެއް އަޅައި، އެ އަތޮޅު ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެ ދެރަށުގައި މުޅިން އަލަށް ފަށާ މަޝްރޫޢުތަކުގެ ގޮތުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، މީގެ ތެރެއިން އުތީމުގައި މުޅިން އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނާފައިވާ ސްޓޭޓް ހައުސްއެއް އަޅަން ބަޖެޓްގައި ހިމަނާފަ ވެއެވެ. މި މަޝްރޫޢަށް 723،984 ރުފިޔާ ހިމަނާފަވެއެވެ.
އުތީމުގައި އެކި މަރުހަލާތަކުގައި ހުރި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ.
ކެލާގައި މުޅިން އަލަށް ފަށާ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނާފައި އޮތީ އެރަށު ބަނދަރު އަޕްގްރޭޑް ކުރުމެވެ. މިކަމަށް 12 މިލިއަން ރުފިޔާ ހިމަނާފަ ވެއެވެ. ކެލާގައި ހިންގުމަށް އެކިމަރުހަލާތަކުގައި ހުރި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް އަންނަ އަހަރަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފަވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް އަދި މަޖިލީހުގައި ނުފެށެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!