ރަޝިޔާއިން ޔޫކްރޭންއަށް ހަމަލާތައް ދިނުމަށް ބޭނުންވާ ހަތިޔާރާއި ތަކެތި އުތުރު ކޮރެއާއިން ފޯރުކޮށްދެމުން ދާކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ހާމަކުރެއްވި ގޮތުގައި ފާއިތުވި ހަފްތާ ތެރޭގައި އުތުރު ކޮރެއާއިން 1000 ކޮންޓެއިނާގެ އަސްކަރީ ހަތިޔާރާއި ތަކެތި ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. އަދި އުތުރު ކޮރެއާގެ ނާޖިންގައި ރަޝިޔާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ އަސްކަރީ ހަތިޔާރުތައް އަޅާފައިވާ 300 އަށްވުރެ ގިނަ ކޮންޓެއިނާކަމަށް ބުނެ ފޮޓޯތަކެއް ވެސް އެމެރިކާއިން ވަނީ އާންމުކޮށްފައެވެ.

Ad
rt

މިދިޔަ މަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ރަޝިޔާއަށް ވަޑައިގެން އަސްކަރީ އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އުތުރު ކޮރެއާގައި ކިމްގެ ވެރިކަން ފެށުނުފަހުން ހަތިޔާރު އުފެއްދުން އިންތިހާއަށް ވަނީ އިތުރުވެފައެވެ. އަދި މިކަމުގެ ސަބަބުން އުތުރު ކޮރެއާއާ ރަނގަޅު ގުޅުންތައް އޮންނަ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުން އިތުރުވެގެން ދާނެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު އެތެރެކުރުން ޓުރެކްކޮށްފައި ވާއިރު، މި ހަތިޔާރުތައް ރަޝިޔާއަށް އެތެރެކޮށްފައި ވަނީ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހުގެ ކުރީކޮޅުގައި ކަމަށް އެމެރިކާއިން ބުނެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އެ ސާމާނު އެކްސްޕޯޓް ކޮށްފައިވަނީ ކަނޑާއި ރޭލުން ޔޫކްރޭންގެ ބޯޑަރާއި ގާތްގަނޑަކަށް 180 މޭލު (290 ކިލޯމީޓަރު) ދުރުގައި އޮންނަ ޓިޚޯރެސްކް ކައިރީގައި އޮންނަ ރަޝިޔާގެ ހުޅަނގު ދެކުނުގެ ސަޕްލައި ޑީޕޯޓަކަށެވެ.

އުތުރު ކޮރެއާއިން ރަޝިޔާއަށް ފޮނުވާފައިވާ ހަތިޔާރުތަކުގެ ތަފްސީލެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް މި ހަތިޔާރުތަކުގެ ތަފްސީލުތައް ހާމަކުރާނެކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން އެމެރިކާގެ އޮފިޝަލުން އަންނަނީ ތަކުރާރުކޮށް އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރާއި ހަނގުރާމައިގެ ސާމާނުތައް ފޯރުކޮށްދެމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އުތުރު ކޮރެއާގެ މި އަމަލުގެ ސަބަބުން ރަޝިޔާއަށް އިތުރު ހިތްވަރެއް ލިބި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރޭންގެ ކުށެއްނެތް އެތައް ހާސް ރައްޔިތުންނެއް މަރުވަމުން ދާކަމަށާއި މުޅި ޔޫކްރޭން ސުންނާފަތި ވެފައިވާކަމަށް ހާމަކޮށް އެމެރިކާއިން އަންނަނީ މިކަން ކުށްވެރި ކުރަމުންނެވެ.

އެމެރިކާއިން ބުނާގޮތުގައި އުތުރު ކޮރެއާއިން ރަޝިޔާއަށް ބޭނުންވާ ހަތިޔާރާއި ހަނގުރާމައިގެ ސާމާނު ފޯރުކޮށްދިނުމަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ މުޅިން ހިލާފު އަމަލެކެވެ. މިކަން ތަކުރާރު ކުރަމުންދާނަމަ އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާމެދު ވިސްނާނެކަމަށް ވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.