ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" މާދަމާ ފަށާނެއެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ.

Ad
rt

އަންހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސީއެސް ވިމެންސް، ސަންދިޔާ އަދި ބީޗް ސިޓީ ވިމެންސްއެވެ.

މި މުބާރާތް މާދަމާ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ޒީރު ސްޕޯޓްސް އާއި ޔުނިޓީ އެފްސީއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.