އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައި ވެއްޖެއެވެ.

ކޮލިފައިންގައި ރޭ ގްރޫޕް ޖޭގައި ޕޯޗުގަލްއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

ޕޯޗުގަލްގެ ޕޯޓޯ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕޯޗުގަލުންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގޮންސާލޯ ރާމޯސްއެވެ. ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ލަނޑުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ސްލޮވާކިއާގެ ބެނެސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑޭވިޑް ހަންކޯ ވަނީ ލަނޑުޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ވަނީ ލަނޑުޖަހައި ޕޯޗުގަލްއަށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްދީފައެވެ.

މިއީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުނު 202 މެޗުގައި ޖެހި 125 ވަނަ ލަނޑެވެ. މިވަގުތު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގައެވެ.

ސްލޮވާކިއާގެ ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި ޕޯޗުގަލްގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ލޮބޮޓްކާއެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ޕޯޗުގަލުން ވަނީ ކާމިޔާބު ކޮށްފައެވެ. ހަތް މެޗުން ލިބުނު 21 ޕޮއިންޓާއިއެކު ޕޯޗުގަލް މިވަނީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދާފައެވެ. މި ގުރޫޕްގެ ދެވަނާގައި އޮތީ ސްލޮވާކިއާއެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.