މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމާގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ތެޔޮ އެތެރެ ނުކުރެވޭ ގޮތް ހެދުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑި މޯޗަރީތަކަކަށް ބަދަލުވުމުގެ ނުރައްކާ އޮތް ކަމަށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) އިން ބުނެފިއެވެ.

ޣައްޒާގެ ހަމައެކަނި އިންޖީނުގެއިން ބުދަ ދުވަހު ތެޔޮ ހުސްވެފައިވާއިރު، ބެކްއަޕް ޖަނަރޭޓަރުތަކުގެ މަސައްކަތް ހުއްޓިދާނެ ކަމަށް ވެސް އެ އެ ޖަމާއަތުން ވަނީ ބުނެފައެވެ

Ad
rt

އިސްރާއީލުން ޣައްޒާ "ވަށާލައި" ވައިގެ މަގުން ދިން ހަމަލާތަކުން ބޮޑު ސަރަހައްދަކަށް ވަނީ ގެއްލުން ލިބިފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ކަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ދެކުނަށް ހަމަލާތަކެއްދީ މުޅި އިސްރާއިލަށް ސިހުން ގެނުވާފައެވެ. އަދި މި ހަމަލާތަކުގެ ތެރެއިން ހަމާސްއިން ވަނީ އިސްރާއީލުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރަހީނުކޮށްފައެވެ. އިސްރާއީލުން ވަނީ ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި ހަމާސްއިން ރަހީނުކުރި އެގައުމުގެ 150 ވަރަކަށް ރައްޔިތުން މިނިވަންކުރަންދެން، ޣައްޒާއަށް ތެލާއި ކަރަންޓް އަލުން ނުދިނުމަށާއި އަސާސީ ވަސީލަތްތަކާއި އިންސާނީ އެހީތައް ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ހުރަސް އަޅާފައެވެ.

"އިސްރާއީލުން ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް ހުރަސްއަޅުމުގެ ސަބަބުން އިންޖީނުތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވެ، ކަރަންޓު ކެނޑިއްޖެނަމަ އަލަށް އުފަންވާ ކުދިން އިންކިއުބޭޓަރުގައި ބޭތިއްބޭނެ ގޮތެއްނެތި އަދި އޮކްސިޖަން ގުޅަންޖެހޭ އުމުރުން ދުވަސްވީ ބަލިމީހުން ނުރައްކަލުގެ ތެރެއަށް ވެއްޓި، ކިޑްނީ ޑައިލަސިސް ހުއްޓި، އެކްސްރޭ ނުނެގޭނެ،" އައިސީއާރުސީގެ އެ ސަރަހައްދުގެ ޑިރެކްޓަރު ފަބްރިޒިއޯ ކާބޯނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކަށް އަދިވެސް ކަރަންޓު ދެމުންދަނީ ޣައްޒާގެ އިންޖީނުގެތަކުން ކަމަށާއި ނަމަވެސް މިހާރު ހުރި ތެލުން އިންޖީނުތައް ހިންގޭނީ މަދު ގަޑިއިރުތަކަކަށް ކަމަށެވެ.

ހަމާސްއިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އެކިތަންތަނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ 1700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 6،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.