ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އެމަނިކުފާނަށް ފޮނުވައިފިއެވެ.
މި ނޯޓިސް ނަޝީދަށް ފޮނުވާފައިވަނީ މިއަދުއެވެ.
މި ނޯޓިސް ނަޝީދަށް އެ ނޯޓިސް ފޮނުވާފައިވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، ހުށަހެޅީ 49 މެންބަރުންގެ ސޮޔާއި އެކުގައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ.
މީގެ އިތުރުން އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ވަނީ މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ނަޝީދު އެ މައްސަލަ އެޖެންޑާ ނުކުރައްވާ ރިޔާސީ އިންތިހާބާއި ޖެހެންދެން ވެސް ދިގު ދަންމާލީއެވެ.
އެންމެ ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދުގައި އެމްޑީޕީން ވަނީ މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.
މި ފަހަރު އެ މައްސަލަ އަބުރާ ނުގެންދަވާނެ ކަމަށް ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!