ރާއްޖޭގެ ރިޔާސީ އިންތިހާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށާއި އެކަމުގެ ސަބަބުން އިންތިހާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށް މި އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން ވިދާޅުވެއްޖެވެ.
ހޮޓެލް ޖެން ގެ ބޯލް ރޫމުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޔޫގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ދެ ބުރުގައި ވެސް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް އަދި ދެފުށް ފެންނަގޮތަށް ކަމަށެވެ. އޭގެ ސަބަބަކީ ނިމިދިޔަ އިންތިހާބަށް ރައްޔިތުންގެ ތާއީދާއި އިތުބާރު ލިބުން ކަމަށެވެ.
އިންތިހާބު އޮބްޒާވް ކުރަމުންދިޔައިރު، އެންމެ ބޮޑަށް ފާހަގަވީ ދެ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ވެސް ޒާތީގޮތުން ކުރަމުންދިޔަ އެންޓިކެމްޕޭންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެގޮތުން ދެކެންޑިޑޭޓުންނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާއާއި އޮންލައިން ބައެއް މީޑިއާތަކުން ފަތުރަމުންދިޔަ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އީޔޫގެ ފަރާތުން 36 އޮބްޒާވަރުން ހަރަކާތްތެރިވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވޯޓުލީ 119 މަރުކަޒެއް އީޔޫއިން ވަނީ އޮބްޒާވް ކޮށްފައެވެ. އަދި މާލެ ހިމެނޭހެން 14 އަތޮޅަކުން 56 ރަށެއްގައާއި 5 ރިސޯޓެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައްކައިރީވެސް އެ ފަރާތްތަކުން ހަރަކާތްތެރިވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!