އިޓާލިއަން ލީގުގައި ރޭ ފްރޮސިނޯނޭ ބަލިކޮށް ރޯމާއިން މުހިންމު މޮޅެއް ހޯދިއިރު، ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ޔޫރަޕްގެ ބޮޑެތި ގިނަ ޓީމްތަކަކަށް ކޯޗްކަން ކޮށްދީފައިވާ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާ ރޭ އަމިއްލަ ދަނޑުގައި ވަނީ 2-0 ގެ ނަތީޖާއިން ފްރޮސިނޯނޭ ބަލިކޮށްފައެވެ.

Ad
rt

ސީޒަންގައި މިހާތަނަށް ރޯމާއިން ލީގުގައި ހަތް މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގު ތާވަލުގައި މިވަގުތު ރޯމާ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ތާވަލުގެ ބާރަވަނާގައެވެ. ރޭ ރޯމާއަތުން ބަލިވި ފްރޮސިނޯނޭ މިވަގުތު އޮތީ ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް ހަތް މެޗުން ވަނީ 9 ޕޮއިންޓް ލިބިފައެވެ.

ރޭ މެޗުގައި ރޯމާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން މިވަގުތު ރޯމާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަޖުރިބާކާރު ފޯވާޑް ލުކަކޫއެވެ. އޭނާ މި ލަނޑު 21 ވަނަ މިނެޓގައި ޖެހީ ޑިބާލާގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ލީގުގައި ލުކަކޫ ރޯމާއަށް ކުޅެދިން ފަސް މެޗުގައި ޖެހި ތިންވަނަ ލަނޑެވެ.

ރޯމާގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައިވަނިކޮށް ޑިބާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޕެލްގްރީނީއެވެ. ސީޒަންގައި މިހާތަނަށް ދަށް ނަތީޖާތަކެއް ނެރެމުން އައި ރޯމާއަށް މިއީ ހާލަތު ބަދަލުކުރުމަށް މުހިންމު މޮޅެކެވެ.

ރޭ އެތުލާންޓާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިވަގުތު ޔުވެންޓަސް އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ. ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެން އެތުލާންޓާ އޮތީ ތާވަލުގެ ފަސްވަނާގައެވެ.