އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދޭނެ ކަމަށާއި، ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ގެދޮރު ޔަގީން ވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އައްޑޫ ސިޓީ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި، އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސިޓީގެ ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީންކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.
"ޔަގީން ކުރަން ބޭނުންވާ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމޭއިރު މި ސިޓީގައި ގެދޮރުވެރިކަން ޔަގީން ނުވާ އެއްވެސް މީހަކު ނުހުންނާނެކަން". މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން އަތްފޯރާ ފަށުގައި ލޯނު ދޫކޮށްގެން ގެދޮރުވެރިކަން ޔަގީންކޮށްދިނުމަކީ އެންމެ މުހިއްމު ވައުދު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ހައުސިން މަޝްރޫއުތައް ހިންގައި ހައުސިން ލޯނުތައް ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހިތަދޫ ޕޯޓު ތަރައްގީކޮށް ވިޔަފާރީގެ ކުރިއެރުން އެތައް ގުނައަކަށް މަތިކުރާނެ ކަމަށާއި، ހިތަދޫ ބަނދަރު ތަރައްގީކޮށް އެންމެ މުހިއްމު އެއް ބަނދަރަކަށް އެތަން ހަދައިދޭނެ ކަމަށެވެ. އަދި އައްޑޫގެ މަގުތައް ސިޓީއެއްގައި ހުންނަންޖެހޭ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ރަށްރަށުގައި ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް އަރުވާ ކަމަށާއި، ސިޔާސީ މަގާމުތައް ފިޔަވާ އެހެން ވަޒީފާތަކުގައި ތިބި ފަރާތްތައް ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!