މަގުމަތިން މީހުންނާ ފޮށި ފުރައްސާރަ ކުރުން ބަލައިނުގަނެވޭ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް ފުރައްސާރަ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓުގައި އަލީ ޒާހިރު ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ސްޓްރެޓަޖީ އަކީ މިއީ ކަމަށްވާ ނަމަ، އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި މިފަދަ ގޮތެއް ނެތް ބައެއްގެ އަތްމައްޗަށް މި ގައުމު ދާން ނޭދޭ ކަމަށެވެ.

އެހެންވެ، އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް ސާލިހަށް ވޯޓު ދެއްވުމަށް ހުރިހައި އެންމެންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސައިކަލުގައި ދަނިކޮށް ބޮޑުތަކުރުފާނު މަގުން އެމްޓީސީސީ ހެޑް އޮފީސް ކުރިމަތިން، ނިޔާޒުއާއި ދިމާކޮށް، ފުރައްސާރަ ކޮށްފައިވާއިރު، އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި އެ ސަރަހައްދުގެ ޕާކިން ޒޯނަށް ސައިކަލު ޕާކު ކުރުމަށްފަހު، އިސްލާމިކް ބޭންކް ބްރާންޗަށް ހިނގާފައި ދިޔައިރު ވެސް އެމީހާ ނިޔާޒު ފަހަތުން ހިނގާފައިދާކަން އެނގެއެވެ.

އެމީހާ ނިޔާޒަށް އަމާޒުކޮށް ތަފާތު އެކި ތުހުމަތުތައް އަޅުވާފައިވާއިރު، ކޮންތާކުން ހޯދި ފައިސާތޯއާއި ވިޔަފާރި ކުރަމުންދަނީ ކިހިނެތްތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.

ނިޔާޒު ވަނީ އޭނާއަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރާ މީހާގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ނިޔާޒު ވިދާޅުވީ ބޮޑެތި ވިޔަފާރި ނުކުރައްވާ ކަމަށާއި، އާއިލާ މީހުން ކުރާ ވިޔަފާރިއާއި ގުޅުމެއް ނޯންނާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ އެމްއެމްއެޕީއާރްސީ ނުވަތަ އެހެން ގޮތަކުން ހިޔާނާތުގެ ފައިސާއެއްގައި އެއްވެސް އިރެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި، އެތުހުމަތުކުރާ މީހުންނަށް އެކަންކަން ސާބިތުކޮށްދެވިއްޖެނަމަ ހެޔޮ ހިތުން ޖަލަށް ވަޑައިގަންނަވާނެ ކަމަށެވެ.