ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން އިތުރުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށެވެ.
އެއީ 196 އަންހެންނާއި 212 ފިރިހެން ކަމަށް ވެސް ހަބީބު ވިދާޅުވެފައި ވެއެވެ.
އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ވަނީ ކޮށްފައެެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުން 17 އަށް ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282803 އެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމުގައި ވާދަލުރައްވާނީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!