ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމަށް ސޯޝަލް މީޑިއާ އަށް ދޫކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ވިދާޅުވީ ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްގީގެ އެތައް މަޝްރޫއު ކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. އަދި ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށެެ.
މީގެ އިތުރުން މިއީ ގަބޫލް ކުރަންޖެހޭ ހަގީގަތެއް ކަމަށާއި ގަސްތުގައި ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއްކަން ހާމަކުރައްވާ އުގައިލް ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ނުހުއްޓި ރައީސް ސާލިހާއެކު ކުރިޔަށް ދިޔުމަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް އޭނާ ދެކޭ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.
ރިޔާސީ އިންތިހާބުގައި ވަރަށް ގިނަ ބަޔަކު ރައީސް ސާލިހަށް ތާއީދު ކުރަމުން އަންނައިރު، އޭގެ ތެރޭގައި ތައުލީމީ ބޭފުޅުންނާއި އެކިއެކި ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ގިނަ އަދަދެއްގެ އިލްމުވެރިން ވެސް ހިމެނެއެވެ.
ސާލިހަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރަކީ ހުރިހައި ދާއިރާއަކުން ބެލި ކަމުގައި ވިޔަސް، ރާއްޖެ އަށް ތަރައްގީ އާއި ކުރިއެރުން އައިސްފައިވާ ފަސް އަހަރެވެ.
އެހެންވެ، ރައީސް ސާލިހަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އަންނަ ހޮނިހިރު ދިވަހު ބޭއްވުމަށް ނިންމާފައިވާއިރު، ދެވަނ ބުރަކަށް ދާން ޖެހިއްޖެނަމަ، މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!