ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރޭސިން ކްލަބް ޑި ލެންސްއާއި ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މިއީ މި ސީޒަންގައި ޕީއެސްޖީ ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް އެއްވަރުވީއިރު، ކޮންޓްރެކްޓް އައުކުރަން ދެކޮޅު ހެދުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު އޮތް ގުޅުން ހީނަރުވެ، ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗަށް އެކުލަވާލި ޓީމުން އޭނާއަށް ފުރުޞަތެއް ނުދެއެވެ.
ނަމަވެސް ދެވަނަ މެޗަށް އެކުލަވާލި ޓީމުގެ ބެންޗުން އޭނާއަށް ފުރުޞަތުދީ އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ ކުޅެން ނުކުމެފައެވެ. އެ މެޗުގައި އެމްބާޕޭ ވަނީ ލަނޑު ވެސް ޖަހާފައެވެ.
ރޭ މެޗަކީ މި ސީޒަންގައި ފުރަތަމަ އެގާރާގައި ހިމެނިގެން އެމްބާޕޭ ކުޅުނު ފުރަތަމަ މެޗެވެ. ރޭ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. ޕީއެސްޖީގެ ފުރަތަމަ ލަނޑު އެސެންސިއޯ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ.
މެޗުގައި ލެންސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ މޯގަން އެވެ.
މި މޮޅާއިއެކު ޕީއެސްޖީ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.
އަންނަ މަހުގެ ހަތަރަކުން ބާރައިގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ޕީއެސްޖީ ލީގުގައި އަދި އެއް މެޗު ކުޅޭނެއެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ޕީއެސްޖީ ނުކުންނާނީ ލިޔޯންއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!