ޕީއެންސީގެ ވެރިކަމެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްތެްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީި މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވައުދުވެގެން ކަމަށާއި އެހެންނަމަވެސް ފެނިގެންދަނީ ޕާކިން ސްޓިކާ ޖޫރިމަނާ އަކީ އާމްދަނީ ހޯދާ ވަސީލަތަކަށް މި ސަރުކާރުން ހަދާފައިވާ ތަން ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓިކާ ޖަހަމުން ގޮސް އެތައް ހާސް ރުފިޔާއެއް އަރައި، ޖޫރިމަނާވެފައިވާ ކަމަށާއި މިއީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ. އަދި ޕާކިން ގެ މައްސަލައަށް ހައްލު ލިބެން އޮއްވާ، އެކަން މިސަރުކާރުން ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޠާސީ ކެންޑިޑޭޓު މުއިއްޒު ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރާނެ ކަމަށާއި މި ސަރުކާރުގައި ކޮށްފައިވާ ޕާކިން ޖޫރިމަނާތަކަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތައް ހަދަން ސިޓީ ކައުންސިލުން ރޭވި ނަމަވެސް ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށާއި އެހެންވެ، ވެރިކަމަށް އައިސް ޕާކިން ބިލްޑިންތައް ގާއިމްކޮށް، ޕާކިން މައްސަލަ އެއްކޮށް ހައްލުކޮށް، ގަރާޖު ސިޓީއަށް ސަލާން ޖެހުން ވެސް ހުއްޓުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.