ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާބަންކޯއިން އިފްތިތާހުކޮށްފިއެވެ.

"ޕްރައިވެޓް ހައުސިން އިންފޮމޭޝަން ޕޯޓަލް"ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލް އިފްތިތާހުކޮށްފައި ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

މިއީ އަމިއްލަ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ސައްހަކަން ކަށަވަރުކޮށް، މަޝްރޫއުތަކާ ބެހޭ މުހިންމު މައުލޫމާތު ބަލައިލެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުންކަމަށް ހުޅުވި ޕޯޓަލެކެވެ. މި ޕޯޓަލަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ.

މި ޕޯޓަލުން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާގޮތް ވަގުތުން ބަލާލެވޭނެކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެޕާޓްމަންޓުތައް ގަންނަން ހުޅުވާލާފައިވޭތޯއާއި އެޕާޓްމަންޓުގެ ސައިޒް އެނގޭނެހެން މުހިންމު މައުލޫމާތުތައް މި ޕޯޓަލްގައި ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވީ، މި ޕޯޓަލަކީ ބައެއް މަޝްރޫއުތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކަށް ލިބެންޖެހޭ މައުލޫމާތާއި ހައްގުތައް ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވާތީ އެކަން ހައްލުކުރުމުގެ ގޮތުން އިފްތިތާހުކުރި ޕޯޓަލެއްކަމަށެވެ. މި ޕޯޓަލުގައި ލިބެން ހުންނަ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓްކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކެއް އެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ލާޒިމް ކުރެވޭނެ ކަމަށެވެ. އެއާ އެއްކޮށް ކޮންޓްރެކްޓުގައި ވެސް އެކަން ހިމަނާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރައިވެޓް ހައުސިން އިންފޮމޭޝަން ޕޯޓަލް ހިމެނެނީ އާބަންކޯގެ ހިދުމަތްތަކާއި މައުލޫމާތު އޮންލައިންކޮށް ފޯރުކޮށްދޭ "މައި ހުޅުމާލެ" ޕޯޓަލްގެ ތެރޭގައެވެ.