މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މައިބަދާގެ އޮޕަރޭޝަނެއްކޮށް ކުޑަ ދުވަސްކޮޅަކަށް ޓީމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އުމުރުން 52 އަހަރުގެ ގާޑިއޯލާގެ މައިބަދައަށް ތަދުވާތީ އޭނާ ވަނީ، އޭނާގެ އުފަން ސިޓީ ކަމަށްވާ ބާސެލޯނާއަށް ދަތުރުކޮށް މިހާރު އޮޕަރޭޝަން ކޮށްފައެވެ. ސިޓީން ބުނެފައިވަނީ ގާޑިއޯލާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ.

Ad
rt

މި އޮޕަރޭޝަނުން ރިކަވާވެގެން ގާޑިއޯލާ ސިޓީއާއި ގުޅޭނެކަމަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް ފަހުއެވެ.

ގާޑިއޯލާއަށް މި މުއްދަތުގެ ތެރޭ ސިޓީގެ ދެ މެޗެއް ގެއްލޭނެއެވެ. އެއީ އަންނަ އާދީއްތަ ދުވަހު ލީގުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ސިޓީ ކުޅޭ މެޗާއި އަންނަ ސެޕްޓެމްބަރ މަހު 2 ވަނަ ދުވަހު ފުލަމްއާއި ދެކޮޅަށް ސިޓީ ކުޅޭ މެޗެވެ.

މި މުއްދަތުގައި ސިޓީގެ ފަރިތަ ކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެސިސްޓެންޓް ކޯޗް ޖުއަންމާ ލިޔޯގެ އިރުޝާދުގެ ދަށުންނެވެ. އަދި ކުރިއަށް ދެ މެޗުގައި ވެސް ސިޓީއަށް އިރުޝާދު ދޭނީ އޭނާއެވެ.

ގާޑިއޯލާ ވަނީ ފާއިތުވީ ސީޒަންގައި ސިޓީއަށް ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ.