ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލަން ޓޮޓެންހަމުން އެއްބަސް ވެއްޖެއެވެ.

މިހާރު ކުރިއަށް މިދާ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި، އުމުރުން 30 އަހަރުގެ ކޭން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކްގެ އިތުރުން މެންޗެސްޓާ ސިޓީން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.

Ad
rt

ނަމަވެސް ކޭން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ ބަޔާނުންނެވެ. ބަޔާނުން ކޭންއަށް ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯގެ ބިޑެކެވެ. ނަމަވެސް ޓޮޓެންހަމުން އެ އަގަށް ކޭން ވިއްކާލަން ބޭނުން ނުވުމުން ބަޔާނުން ފަހުން ވަނީ 100 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައި ޓޮޓެންހަމަށް ގޮތެއް ނިންމަން މުހުލަތެއް ދީފައެވެ. ނަމަވެސް ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ޓީމަށް އެއްބަސްވުމަކަށް ނާދެވި، ކޭން ހޯދުމުގެ މަސައްކަތް ބަޔާނުން ހުއްޓާލުމާއި ގާތަށް ދިޔައެވެ. ނަމަވެސް އެންމެ ފަހުން ޓޮޓެންހަމުން ވަނީ ގޮތް ދޫކޮށް ބަޔާނަށް 100 މިލިއަން ޔޫރޯއަށް ކޭން ވިއްކާލަން އެއްބަސްވެފައެވެ.

ކޭން ޓޮޓެންހަމާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްއިރު، އެއްބަސްވުން އައުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ވުމާއެކު އަންނަ ސީޒަނަށް ފަހު ކޭން ހިލޭ ޓްރާންސްފާއެއްގައި ޓީމް ދޫކޮށްލުމަކީ މާލީގޮތުން ޓޮޓެންހަމަށް ކުރިމަތިވާނޭ ބޮޑު ގެއްލުމަކަށް ވާނެއެވެ.

ޓޮޓެންހަމާއިއެކު ކޭންއަށް ތައްޓެއް ހޯދިފައި ނުވިނަމަވެސް އޭނާއަކީ ގޯލާއި ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. މިގޮތުން ބަލާއިރު ކޭންއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާވަނީ މިހާތަނަށް 212 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އެލަންޝިއަރާ އަތުގައެވެ. އޭނާވަނީ 260 ލަނޑު ޖަހާފައެވެ.

ކޭން ވަނީ ޓޮޓެންހަމަށް ކުޅެދިން 435 މެޗުގައި 280 ލަނޑު ޖަހާފައެވެ.