ށ. ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް އެއަތޮގައި އޮންނަ ފަރުކޮޅުފުށި ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީއަށް ކުރެއްވެވި ކެމްޕެއިން ދަތުރުފުޅަށް ފަހު، ށ. އަތޮޅަށް ވަޑައިގެން ފުނަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުނަދޫގެ މަގުތައް ހަދައިދެއްވައި، ރޯހައުސް ނުވަތަ ފްލެޓް އަޅާދެއްވާނެ ކަމަށާއި ފަރުކޮޅުފުޅިން ފުނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހި ކޮށްދެއްވައި، އައިސް ޕްލާންޓެއް ވެސް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ފުނަދޫގައި 50 އެނދުގެ އައު ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވުމަށާއި އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ކްލާސް ރޫމްތައް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ދައުރަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދިފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވި ބައެއް މަސައްކަތްތައް ފެށިފައިވާއިރު، އަނެއްބައި މަސައްކަތް ހުރީ ކޮންޓްރެކްޓް ކުރެވިފައި ކަމަށެވެ. އަދި ނުނިމި ހުރި މަސައްކަތްތައް މިދައުރު ނިމުމުގެ ކުރިން ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ކުރީ ސަރުކާރުތަކުން ވެސް ފުނަދުއަށް ކަންތައްތަކެއް ކޮށްދީފައި ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އޭގެއިން ބައެއް ކަންތައްތަކަކީ އެއްވެސް ތަރުތީބެއް ނެތި ކޮށްފައިހުރި ކަންތައްތައް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ރަނގަޅަށް ޕްލޭންކޮށް ރާވައިގެން ކަމަށާއެި ފުނަދޫގައި މިހާރު ނުހެދި ބާކީ ހުރި މަގުތަކުގައި ތާރު އަޅައިގެން މި ދައުރުގައި ހަދައިދެއްވާނެ ކަމަށް ވެސް އެމަނިކިފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!