ށ. ފުނަދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިމަސައްކަތް ހަވާލުކުރީ 135,877,224.39ރ (ސަތޭކަ ތިރީސްފަސް މިލިއަން އަށްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) އަށެވެ.
މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހަވާލުކުރި މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން މީގެ ކުރިން ހޮސްޕިޓަލު ނެތް ބައެއް ރަށްރަށުގައި ހޮސްޕިޓަލް އެޅުމާއި، ހޮސްޕިޓަލްތަކަށް ޖާގަ އިތުރު ކުރުމުގެ ގޮތުން އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އެގޮތުން ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ތަރައްގީކުރާ 7 ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރުންނާ ވަނީ މިދިޔަ މެއި މަހުގެ ތެރޭގައިވަނީ ހަވާލުކުރައްވާފައެވެ.
ސަރުކާރުން ކުރިއަށް ގެންދަވާ މި މަޝްރޫއުގެ ދަށުން ފާއިތުވި 4 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 21 މަޝްރޫޢެއް ނިމިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ހިންގި މަޝްރޫއުތައް ވެސް ހިމެނެއެވެ.
ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ބަޖެޓުގައި ވެސް ވަނީ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ އައު ޢިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!