ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއުރާތަކުގެ އަދަދު އަންނައަހަރު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވުމާއި ގުޅިގެންނެވެ.
ނާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށް ވެސް ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނައުމަށް މަޖިލީހުގެ ދެންފެށޭ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކުރުމަށް އެ ޕާޓީން ހުށަހަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން ތާއީދެއް ނޫން އެނގޭތޯ ހައްދެއް ނެތް މިންވަރަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިތުރުކުރާކަށް. މަޖިލީހަށް މެމްބަރުން އިތުރުކޮށްގެން ރައްޔިތުންނަށް ދެވޭ އިތުރު ހިދުމަތެއް އޮވޭތޯ. ރައްޔިތުންގެ އިހުސާސްތަކަށް ހައްލެއް ލިބޭތޯ. މިއުޅެނީ މެމްބަރުން އިތުރުނުކުރެވިގެންތޯ." ނާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް 6 ގޮނޑި އިތުރުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދަށް ބަދަލު ގެނައުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތިން ޖުލައި 18 ގައި ބޭއްވި އެ ކޮމިޝަނުގެ 794 ވަނަ ޖަލްސާގައެވެ.
އެގޮތުން މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި، އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
ފަސް ހާސް މީހުންނަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!