ރައްޔިތުން ބޭނުންވާ މަސައްކަތް ކުރެވޭނީ ބޭނުންވާ ފުރުސަތު ހޯދައިދީގެން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހަރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ ދައުރުގައި މާފުށީ ބޮޑެތި މަގުތައް ހަދައި، ޒަމާނީ ފެރީ ޓާމިނަލަކާއި އެރައިވަލް ޖެޓީއެއް ގާއިމުކޮށްދެއްވާނެކަން އިއުލާން ކުރައްވާފައެވެ. އަދި އެރަށުން އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމުކަހަލަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށު ސިއްހީ މަރުކަޒު، މި ސަރުކާރުން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އެ ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައި އެ ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މާފުށިން ފެންނަ އުފާވެރިކަން ލިބެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި ގެސްޓް ހައުސްއާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވެނީ ރާއްޖޭގައި އޮތް އަމާންކަމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވެރިކަމާއެކު މިއަދު ރައްޔިތުންނަށް އިހުސާސްކުރެވެނީ އުފާވެރިކަން ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!