ދިވެހިންގެ ވެންޓިލޭޓަރުން ވައްކަން ކުރާ ސަރުކާރެއްގައި ބައިވެރިއެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ރަސްމީ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއް ވެސް ނަގާފައި ނޯންނާނެ ކަމަށާއި ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށެވެ.

އެމަނިކުފާނު ބައިވެރިވާ ސަރުކާރަކުން ދިވެހިންގެ ނޭވާ ހޮޅިން، ވެންޓިލޭޓަރުން ވައްކަމެއް ނުކުރާނެ ކަމަށާއި ކޮވިޑުގެ ނާމާން ދުވަސްވަރުގައި ހަމައެކަނި ދިވެހިން އެދިގޮވަމުން ދިޔައީ އެހީއެއް ވެދޭށޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެވަގުތު ދިވެހިންނަށް ހިޔާނާތްތެރިވުމަކީ ވަފާތެރިކަމެއް، އިންސާނިއްޔަތުކަމެއް އެއްގޮތަކަށް ވެސް ނެތުން ކަމަށެވެ.

މީގެ އިތުރުން ވެންޓިލޭޓަރުގެ ވައްކަން ހޯދައިދޭނެ ކަމަށާއި އެކަން ކުރި ބައެއް އިންސާފަށް ނުގެނެވޭނަމަ، ރާއްޖޭގައި ކުރިއަށް އޮތް ތަނުގައި ވެސް ހިނގަމުންދާނީ އެބާވަތުގެ ޢަމަލުތައް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރައްޔިތުން އެދެނީ ތަނަވަސް ދިރިއުޅުމެއް ކަމަށާއި ފާއިތުވި 5 އަހަރު އެ ރައްޔިތުންނަށް ވީގޮތް ވިސްނައިލުމަށް އެދި ނަޝީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދެގުނަ ކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިނަމަވެސް މިދިޔަ ފަސް އަހަރުގެތެރޭގައި ދިޔައީ ދަށަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ތައްޔާރަށް ނެތީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

"ވީ ވައުދާއި ދެން ކުރެއްވި ކަންކަމާއި ރައްޔިތުންނަށް ވެގެންދިޔަ ގޮތްކާ، ރައްޔިތުންގެ އުއްމީދުތައް މުޅިން ބިލާހަކަށްވެގެން ދިޔައީ." ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރެޓުން އެމީހުންގެ ސިޔާސަތުތަކާއެކީގައި ނުކުންނަން ތައްޔާރުވަމުންދާ ކަމަށާއި ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެޓުންގެ ސިޔާސަތުތައް އެބޭފުޅުން އެބަ ރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިއީ ތަޖުރިބާކާރު ފަންނީ މީހުންނާއި ސިޔާސީ މީހުންނާއި ކަންކަން ދަންނަ އެތައްބަޔަކާއި މި ރާއްޖޭގެ ހުރިހައި ރައްޔިތުން ޝާމިލުވާ ޝަކުވާތަކާއި ފިކުރުތަކާއި ޚިޔާލުތަކާއި އެމީހުންގެ ވިސްނުންތައް ހިމެނޭ ރާއްޖެ ހައްލުކުރުމުގެ މަގަށް ގެނެސްދޭނޭ ސިޔާސަތުތައް ކަަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިން އަބަދުވެސް ކަންބޮޑުވެ ތިބޭނީ އެމީހުންގެ އާންމު ހާލަތު ރަނގަޅުކުރާނެ ގޮތްތަކެއް ހޯދުމަށް ކަމަށާއި މިއަދަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ސިޔާސަތުތަކެއް ތަންފީޒުކޮށްދޭނެ ސަރުކާރެއް ހޯދުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންފްރާސްޓްރަކްޗާގެ ބޭނުމަކީ ހަމައެކަނި ކޮންޓެކްޓުން ޚިޔާނާތްތެރިވުން ކަމަށް ބަަލައި، އެ މަގުސަދުގައި ކަންކަންކުރާ ސަރުކާރެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނެ ސަރުކާރެއް ބޭނުންވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޑިމޮކްރެޓުން މި ނުކުންނަނީ މި ރާއްޖެ މިއަދުުއެދިގޮވާ އެތައްކަމެއް ފުއްދައިދިނުމުގެ ސިޔާސަތުތަކާއެކުގައި ކަމަށެވެ.