މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބުގައި 604 ވޯޓުފޮށި ބަހައްޓަން އިލެކްސަން ކޮމިޝަނުން ނިންމާފައިވާ ކަމުގައި އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ހަބީބް މިރޭ ކުރެއްވި ޓްވީޓްގައި ވަނީ ފޮށިތައް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ވެސް ހިއްސާ ކުރައްވާފައެވެ.

Ad
rt

މިގޮތުން މާލޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި 61 ވޯޓް ފޮށި ، އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 77 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ މާލޭ ސިޓީ ރައްޔިތުންނަށް 6 ވޯޓް ފޮށި އަދި ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ މާލޭ ސިޓީ ރައްޔިތުންނަށް 1 ވޯޓް ފޮށި އަދި ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 16 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގައި ދިރިއުޅޭ މާލޭ ރައްޔިތުންނަށް 6 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ، ވިލިމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅު ތަކުގައި ޖުމްލަ 319 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ރިސޯޓްތަކުގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 78 ވޯޓް ފޮއްޓެވެ.

މާފުށީ ޖަލުގައި 2 ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އައްސޭރި ޖަލާއި ދޫނިދޫ ޖަލާއި ހުޅުމާލޭ ޖަލު، ހުޅުލެ، ތިލަފުށި މި ކޮންމެ ތަނެއްގައި އެއް ވޯޓް ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ.

އިންޑިޔާގެ ޓްރިވެންޑްރަމް، އިންޑިޔާގެ ނިއުދިއްލީ، ސިންގަޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން، ތައިލެންޑް ބެންކޮކް، އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީ، ޖަޕާން ޓޯކިޔޯ، މި ކޮންމެ ތަނެއްގައި 1 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެލޭސިއާގެ ކުއަލަލަމޕޫރްގައި 2 ވޯޓް ފޮށި އަދި ސްރީލަންކާގެ ކޮލަމްބޯގައި 4 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހަބީބް އިތުރަށް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް އީސީން އިއުލާން ކުރާނެ ކަމަށެވެ.