އަޟްޙާ އީދު ދުވަހާ ދިމާކޮށް ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އަންދާލުމުގެ ދަށުދަރަޖައިގެ ޢަމަލު ހިންގި މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި މަރުކަޒުގައި ކަމަށާއި މިބައްދަލުވުމުގައި ރާއްޖެއިން އޯ.އައި.ސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، މުޙައްމަދު ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ސްވިޑަންގައި މުސްހަފެއް އެންދުމާ ގުޅިގެން އެފަދަ ޢަމަލުތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު މަޟްވަރާކޮށް، އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދާތީ އޯ.އައި.ސީ އިން ގުޅިފައިވާ ބަޔާނެއް ނެރުމާއިގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސްވިޑަންގައި ކީރިތި ޤުރުއާނުގެ މުސްހަފެއް އެންދުން، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާއްޖޭގެ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި އެފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫން ކަމަށާއި އެފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިޢާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިފަދަ އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭފަދަ ޢަމަލުތަކުގެ ސަބަބުން އެކި ފިކުރާއި އަގީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ވެސް ރާއްޖޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ވަނީ އިސްލާމް ދީނާ ދެކޮޅު މިފަދަ ޢަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!