ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފިއެވެ.

މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައެވެ. އެއީ 1993 ވަނަ އަހަރުއެވެ. ދެން މި މުބާރާތް ބޭއްވީ 1995 ވަނަ އަހަރުއެވެ. އެ ދެ އަހަރު މި މުބާރާތުގައި ރާއްޖެ ވާދައެއް ނުކުރެއެވެ.

Ad
rt

ރާއްޖެ ފުރަތަމަ މި މުބާރާތުގައި ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަވައިދުން މި މުބާރާތުގައި ރާއްޖެއިން ވާދަކުރަމުން އަންނައިރު، މި އަހަރު (2023) ނޫނީ ސެމީ ފައިނަލަށް ނުގޮސް ރާއްޖެ ކަޓާފައި ނުވެއެވެ.

ތިރީސް އަހަރު ދުވަހުގެ މާޒީއެއް އޮތް މި މުބާރާތުގެ ޗެމްޕިއަން ކަން ވެސް ރާއްޖޭގެ ޓީމް ވަނީ ދެފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ. ދެ އަހަރު ވެސް މުބާރާތުގެ ތަށި އުފުލައިލީ މި ސަރަހައްދުގެ ގަދަ ބާރު ކަމަށްވާ އިންޑިއާ ބަލިކުރުމަށް ފަހުއެވެ.

ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ތިން މެޗު ކުޅުނުއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ބޫޓާން އަތުންނެވެ. ބޫޓާން އަތުން މޮޅުވި ނަމަވެސް މުޅި މެޗުގައި ރާއްޖެއަށްވުރެ މޮޅަށް ކުޅުނީ ބޫޓާންއެވެ.

ދެން ގްރޫޕް ސްޓޭޖުގައި ރާއްޖެ ބައްދަލުކުރީ ބަންގްލަދޭޝްއާއެވެ. ބަންގްލަދޭޝް އަތުން 3-1 ގެ ނަތީޖާއިން ބަލިވިއިރު، މިއީ ވެސް ލަދުވެތި ބައްޔެކެވެ. ބަންގްލަދޭޝް އަތުން ވީ ބައްޔަކީ ސާފް ޗެމްޕިއަންޝިޕުގައި 20 އަހަރު ފަހުން އެ ގައުމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. އެ މެޗުގައި ވެސް ރާއްޖޭ ޓީމްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ގްރޫޕް ސްޓޭޖް ފަހުމެޗުގައި ލުބުނާން އަތުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ.