އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް މޭ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 14 މައްސަލައާއި ހަޟާނާތުގެ 11 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 6 މައްސަލަ ވަނީ ހުށަހަޅާފައެވެ.

Ad
rt

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 31 މައްސަލައާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 4 މައްސަލަ ވެސް މޭ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން އިތުރަށް ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ ހުށަހަޅާފައިވާއިރު، މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 4 މައްސަލަ ކަމަށް ދައްކައެވެ.

ހަމަމިއާއެކު އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލަ ވެސް އެ މިނިސްޓްރީ އަށް މޭ މަހު ހުށަހެޅި އެޓެންޑު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މޭ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 182 އެވެ. އަދި މޭ މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 2 ކުއްޖަކު ފޮސްޓަރ ކޮށް، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.