ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ.

މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

Ad
rt

ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ 'ތިލަދުން' އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.

ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުން މީގެކުރިން ހޯދަމުން ދިޔައީ މާލެއަށް އައިސްގެން ކަމަށާއި މިއީ ވަރަށްބޮޑު ތަކުލީފެއްކަމުން ބޭނުންވަނީ ރައްޔިތުން އުފުލަމުންދިޔަ މި ބުރައަށް ލުއިފަސޭހައެއް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރަހައްދުގެ މީހުން ކީމޯތެރަޕީ ހެދުމަށް މީގެކުރިން ދަނީ މާލެއަށް. އެނގިވަޑައިގަންނަވާނެ މީ ވަރަށް ޚަރަދުދާ ކަމެއް. ދެކޮޅު ޓިކެޓު، ހުރުން ކެއުން. އެހެންވީމަ އަޅުގަނޑުމެން ރައްޔިތުންނަށް މިކަމަށް ލުއިފަސޭހައެއް ހޯދައިދިނުމަށް ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާ މީ." މުހައްމަދު މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި ހިދުމަތް ދިނުމަށް ބޭނުންވާ ސެޓަޕް، ހުޅުމާލޭ ހޮސްޕިޓަލުގެ ލަފާގެ މަތިން ހަދާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ނަރުހުން ވެސް ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު މުވައްޒަފުން ތަމްރީނުކޮށް، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.