ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް އިތުރު އިނާޔާތްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން 3 އިނާޔަތެއް ދޭން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ، ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ދޭ ކެއާރާ އެލަވަންސާއި، ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ތަކެތީގެ އިތުރުން އަސާސީ ބައެއް ތަކެތި ނުވަތަ ކޮންސިއުމަބަލްސް ހޯދަން ޖެހޭ ފަރާތްތަކަށް ދޭ ސެލްފް ކެއާ އެލަވަންސަކާއި، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގޭބިސީތަކުގައި އުޅޭ ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް ގެނައި ބަދަލުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސަށް 1000 ރުފިޔާ އިތުރުކޮށް 3000 ރުފިޔާގެ އެލަވަންސެއް ދިނުމާއި ކެއާރާ އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދިނުމާއި އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ އިތުރުވެއްޖެނަމަ ދޭ 100 ރުފިޔާގެ އެލަވަންސް ވެސް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން އުޅޭނަމަ، ގޭބިސީތަކުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ 1000 ރުފިޔާގެ އެލަވަންސަކީ އެ ގޭބިސީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ލިބޭނެ އިނާޔަތެއް ކަމަށެވެ.

މި ބަދަލާ އެކު ބައެއް ގޭބިސީތަކަށް ހުރިހާ އެލަވަންސްތަކަކާއެކު 24،000 ރުފިޔާގެ އެލަވަންސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި މީހުންނަށް ބަލާއިރު، އެންމެ ގިނައިން ފާހަގަ ކުރެވެނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ 28.5 ޕަސެންޓް މީހުން ކަމަށެވެ.

އެއީ ގާތްގަންޑަކަށް 3045 މީހުން ކަމަށާއި ދެން އެންމެ ގިނައިން ފެންނަނީ ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 2011 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުރި މީހުންގެ އަދަދު 3560 ހުރި އިރު އެ އަދަދު ވަނީ 2022ގެ ނިޔަލާ ހަމައަށް އައި އިރު އެ އަދަދު ވަނީ 10،701 އަށް އިތުރުވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކުރިން ނުކުޅެދުންތެރިކަން ހުރި މީހުންނަށް ދެމުން އައި އެލަވަންސް ވަނީ 79 މިލިއަނުން 244 މިލިއަނަށް ވަނީ އިތުރުވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.