ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތައް ބޫޓާން އަދި ބަންގްލަދޭޝް އިން ކާމިޔާބުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާނުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 61-55 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކްއާޓާ ބޫޓާނުން ކާމިޔާބުކުރީ 13-21 އިން ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ކްއާޓާ 36-26 އިން ނިންމާލިއިރު، ތިންވަނަ ކުއާޓާ ބޫޓާނުން ނިންމާލީ 42-48 އިންނެވެ. ފަސޭހަކޮށް ކުޅެ، ބޫޓާނުން ހަތަރުވަނަ ކުއާޓާ ނިންމާލީ 61-55 އިންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ބަންގްލަދޭޝް އެވެ. މި މެޗު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 52-42 ޕޮއިންޓުންނެވެ.
މިމެޗުގެ ފުރަތަމަ ކުއާޓާ 13-12 އިން ބަންގްލަދޭޝް ލީޑުގައި އޮވެ ނިންމާލިއިރު، ދެވަނަ ކުއާޓާ ނިމުނީ 21-23 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.
ހަތަރުވަނަ ކުއާޓާ ފެށިއިރު، 43-34 ބަންގްލަދޭޝް ލީޑުގައި އޮތް ނަމަވެސް، ރާއްޖެއިން ވަނީ 42-49 އަކަށްވެސް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ރާއްޖެއަށް ނިންމާލަން ޖެހުނީ ބައްޔަކާ އެކު 42-52 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި މިއަދާއި މިރޭ ވެސް މެޗުތައް ކުޅޭނެއެވެ. އެގޮތުން މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ޕާކިސްތާނާއި ނޭޕާލެވެ. މިރޭ 8:30 ގައި ބައްދަލުކުރާނީ ރާއްޖެއާއި ބޫޓާނެވެ.
ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށްވާ، ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ސަރަހައްދީި ފަސް ގައުމު ކަމަށްވާ ނޭޕާލް، ބޫޓާން، ރާއްޖެ، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!