މިއަހަރުގެ އަމީރުލްޙައްޖަކީ ނައިބު ރައީސް ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވިގޮތުގައި، 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަމަޖައްސައްސަވާފައެވެ.
ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީސް ފައިޞަލް ނަސީމް ހަމަޖެއްސެވިއިރު، މި އަހަރު ރާއްޖޭގެ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މި މަހުގެ 12 ވަނަ ދުވަހު ފުރާނެއެވެ.
މިފަހަރު ޙައްޖާޖީން 6 ފްލައިޓެއްގައި ފުރާ ގޮތައް ތާވަލުކޮށްފައިވާއިރު، އެ ހައްޖާޖީން ފުރާނީ މި ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދު:
12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10
13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50
15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10
16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!