ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅަކީ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީފުޅެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމްގައި، މައްސަލަ ސާބިތުކުރުމަށް، މައްސަލައިގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ދެކުނުގެ އީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލްޝަލް ޝެލްފްގެ މައްސަލާގައި ވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގައި ކަޅާއި ހުދުން ލިޔެފައި އޮތްކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށް ވެސް، މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތަބައީ އުސޫލަށް ވެދާނެކަމަށާއި އެހެންނަމަވެސް، ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއްކަން ފާހަގަކުރައްވައި، ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނު މާނަކުރުމަކީ ކޮންމެމީހަކު ހިތުހުރި ގޮތަކަށް ކުރާން އޮންނަ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު ގާނޫނު އަސާސީއާއި ޚިލާފްވެފައިވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވައި، ވިދާޅުވީ ސަބަބު ބަޔާން ކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެކަމަށް ބަޔާން ކޮށްފައި ވާކަމަށެވެ. އަދި ދެކުނުގެ އީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އޭނާ ވަކާލާތު ކުރެއްވި ގޮތާމެދު މަޖިލިހުގެ ރައީސްއާއި މަޖިލިހުގެ 13 މެމްބަރަކު ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫން ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!