ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމަށްވާ، ކުލްބަ ޕޯލްސްޓާއިން، އެ ރަށު ސްކޫގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފިއެވެ.
ކުލަބް ޕޯލްސްޓާއިން އިހަވަންދޫ ސްކޫލް ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފައި މިވަނީ މާދަމާ ރޭ އޮންނަ ސްކޫލުގެ ޕްރައިޒްޑޭގެ ހާއްސަ ހަފްލާއަށް ސްކޫލް ޒީނަތްތެރި ކުރުމުގެ ގޮތުންނެވެ.
އެ ސްކޫލުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް މިއަދު ކޮށްފައި ވަނީ އެ ކުލަބުގެ މެމްބަރުންނެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ވެސް ހޯދާފައި ވަނީ އެ ކުލަބުންނެވެ. ކުލަ ހޯދުމުގައި އިހަވަންދޫ ކައުންސިލުގެ ރައީސްގެ އަހްމަދު ޞަބާހް ދެއްވި އެހީތެރިކަން ފާހަގަކޮށް ޕޯލްސްޓާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން މި މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް އެ ކުލަބުގެ އާންމު މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ކުލަބުގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިހަވަންދޫގެ ޖަމިއްޔާތަކަކީ އެ ރަށު ސްކޫލާއި ރަނގަޅު ގުޅުމެއް އޮންނަ، އަދި އެ ސްކޫލުގެ ކުރިއެރުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކެކެވެ.
ކްލަބް ޕޯލްސްޓާގެ ފާރާތުން ވަނީ އިހަވަންދޫ ސްކޫލުގައި ޒަމާނީ ފެންވަރުގެ ޑިޖިޓަލް ނޯޓިސް ބޯޑެއް ވެސް ތަރައްޤީ ކޮށް އެ ސްކޫލާއި ހަވާލުކޮށްފައެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!