ތިލަދުންމަތީ ދެކުނުބުރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި އެވެ.
އާރު.ކޭ.އެލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،394،343.99 (ދެމިލިއަން ތިންލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ސާޅީސް ތިންރުފިޔާ ނުވަދިހަ ނުވަލާރި) އަށެވެ.
މިމަސައްކަތް ނިންމަންޖެހޭ މުއްދަތެއްގެ ގޮތުގައި އޮތީ 60 ދުވަސްކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މިކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވެ. އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ - އޮޕަރޭޝަންސް މުޙައްމަދު މޫސާފުޅުއެވެ.
އެރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފައިވަނީ 21 ޖެނުއަރީ 2023 ގައެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ވެސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރުމުގައި ބަލާފައިވަނީ ފާއިތުވި ފަސް އަހަރުތެރޭ މި ބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އެ މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ ރިފަރެންސް ލެޓާތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!