ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެެވެ.
އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެ މައްސަލަ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނީ 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކުގައެވެ.
އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެވެ.
ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ. މަޖިލީހުގައި މިހާރު އެމްޑީޕީގެ 55 މެމްބަރުން ތިއްބަވައެވެ.
އީވާގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅުއްވާފައިވާއިރު، ޗާގޯސް މައްސަލާގައި ބަންޑާރަ ނާއިބް އިބްރާހީމް ރިފްއަތާއި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހަށް ވައްދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!