މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.
ސައުދުގެ ޢާއިލީ ބޭފުޅަކު ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ސައުދު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.
މި ހާދިސާގައި ސައުދަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ސައުދު މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް މަގުމަތީގައެވެ. މި އެކްސިޑެންޓް ހިނގީ ސައުދު ދުއްވަން އިން ސައިކަލު ހައިވޭގައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ،
މެންބަރު ސައުދަކީ ރައްޔިތުންގެ މަޖިލިސްގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރެކެވެ. މިނިވަން މެންބަރެއްގެ ގޮތުގައި ހޮވުނު ސައުދު ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާއިރު، މިއީ ރައްޔިތުންގެ މަޖިލިސްގައި އޭނާ ފުރުއްވަމުން ގެންދަވާ ދެވަނަ ދައުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!