އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް މަރާލި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ ރަހުމަތްތެރިއަކު ކޯޓުގައި ދިން ހެކިބަހުން އިތުރު ކަންތައްތަކެއް ހާމަވެއްޖެ އެވެ.
މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ދައުލަތުން ތުހުމަތު ކުރަނީ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ މާވިން އޮތް ލޯބީގެ ގުޅުމުގެ ތެރެއިން މޭރީ މަރާލި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ނަރުހެކެވެ. އޭނާ ބުނިގޮތުގައި މޭރީއާ އެކު މަސައްކަތް ކުރުމުގެ އިތުރުން އޭނާއަކީ މޭރީގެ ރަހުމަތްތެރިއެކެވެ.
އެ ހެކިވެރިޔާ ބުނިގޮތުގައި މާވިން އާއި ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީ އަށް އެނގުނީ މާވިންގެ ފޯނު ބެލުމުން ކަމަށް މޭރީ ބުނެފައިވެ އެވެ. އަދި އެ ދެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ފޮޓޯތަކެއް މޭރީ އޭނާއަށް ދެއްކި ކަމަށް ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މޭރީއާ ދެކޮޅަށް ލަމްހާގެ ފަރާތުން ފުލުހަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ ގުޅިގެން ކަމަށް ބުނެ ފުލުހަކު މޭރީއާ ވަކިން ބައްދަލުކުރި އެވެ. އެ ބައްދަލުވުން ބޭއްވީ ކެފޭއެއްގައި ކަމަށާއި އެއީ ލަމްހާގެ އާއިލާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން އޮންނާތީ އެކަން ސިޔާސީ ކަމަކަށް ވެދާނެތީ ކަމަށް މޭރީ ބުނި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
"ޕޮލިސް ސްޓޭޝަނަކަށް ގޮސްފައެއް ނޫން ބަޔާން ނެގީ، ކޮފީއަކަށް އަރާފައި ބަޔާން ނެގީ، މޭރީ ކައިރީ އެހީމަ ބުނީ، ރައީސުލްޖުމްހޫރިއްޔާއާ އާ އާއިލީ ގުޅުމެއް އޮންނަ މީހަކަށް ވާތީ، އެކަން މޭރީއަށް ވެސް އެނގޭތީ ޕޮލިސް ސްޓޭޝަނަށް ނުގޮސް ބަޔާން ދިނީއޭ،" އެ ހެކިވެރިޔާ ބުންޏެވެ.
އެހެން ނަމަވެސް އެ ފުލުސް މީހާ ކޯޓުގައި ކުރިން ބުނެފައިވާ ގޮތުގައި މޭރީއާ ބައްދަލުކުރީ ލަމްހާގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން މޭރީއާ ވާހަކަ ދެއްކުމަށެވެ.
މޭރީގެ ރަހުމަތްތެރިޔާ ކޯޓުގައި ބުނިގޮތުގައި ފުލުސް މީހާއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، މާވިން އާއި މޭރީގެ ގުޅުން ރަނގަޅުވެ، އަނެއްކާވެސް ރަނގަޅަށް އުޅެން ފެށި ކަމަށް މޭރީ ބުނެފައިވެ އެވެ. މޭރީއަކީ އެހެން މީހުންނަށް ރަނގަޅު މީހެއް ކަމަށް އޭނާ ބުންޏެވެ.
ހެކިވެރިޔާ ބުނީ، މޭރީ މަރުވި ދުވަހު ވެސް ހެކިވެރިޔާއާ އެކު މޭރީ ހޮސްޕިޓަލްގެ ޑިއުޓީގައި އުޅުނު ކަމަށެވެ. މެންދުރު ބްރޭކަށް މޭރީ ގެއަށް ދިޔައީ ވެސް ވަރަށް ހަމަޖެހިލައިގެން ހުރެ ކަމަށް އޭނާ ބުންޏެވެ.
މޭރީގެ މަރާ ގުޅިގެން ދެ މީހުންގެ ދެމެދުގައި ގޭގައި ހިނގި ޒުވާބަކަށް ފަހު ބޭރަށް ނުކުމެފައި އައިއިރު މޭރީ އަމިއްލަ އަށް ދަންޖެހި ހުރީ ކަމަށް މާވިން ބުނި ކަމަށް ހެކިވެރިޔާ ބުނިއިރު, ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.
މޭރީގެ ހަށިގަނޑު ގެނައި ފަހުން ލަމްހާ ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށާއި މާވިންއާ ދެމީހުން ވަކިން ދުރުގައި ތިބެގެން ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުންދިޔަ މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ހަށިގަނޑު ބޭރަށް ގެންދަން ބޭނުންވާ ވާހަކަ ވެސް މާވިން ބުނި ކަމަށް އޭނާ ބުންޏެވެ.
ދެވަނައަށް މިއަދު ހެކިބަސް ދިނީ މޭރީގެ ހަށިގަނޑު ގެންދިއުމުން ފަރުވާ ދޭން މަސައްކަތްކުރި ޑޮކްޓަރާއި ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެކެވެ.
އެ މައްސަލާގައި އިތުރު ގިނަ ހެކިންތަކެއް ދައުލަތުން ހުށަހަޅާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!