ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ''ދިއްދޫ އިސްލާމިކް ސެންޓަރު'' އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާ އެވެ.

Ad
rt

ދިއްދޫ އިސްލާމިކް އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އާދަމް ރަޙީމް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މިރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ.

މި އިސްލާމިކް ސެންޓަރަކީ އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ ޖާގައިގެ ތަނެކެވެ. އަދި މި ސެންޓަރުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސް ރޫމް، 2 ސެމިނަރ ރޫމް އަދި ޕޭންޓްރީ އެކުލެވިގެންވެއެވެ.

މި ސެންޓަރުގެ މިސްކިތް އޭސީ ކުރަން ނިންމާފައިވާއިރު، ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 50،895،299.07 ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.