މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެމްޓީސީސީން ބުރާސްފަތި ދުވަހު އާއްމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އާއި ހިންގުމުގެ ފައިދާ މިދިޔަ އަހަރު އިތުރުވި ނަަމަވެސް އެ ކުންފުނީގެ ސާަފު ފައިދާ މިދިޔަ އަހަރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބުނުއިރު މިއީ 2021 ވަނަ އަރާ އަޅާ ބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނީ 231.3 މިލިއަން ރުފިޔާގެ ސާފު ފައިދާއެކެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސާފު ފައިދާ މިދިޔަ އަހަރު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލާއެކު ޚަރަދުތައް ބޮޑުވުމުންނެވެ.
މިދިޔަ އަހަރު އެމްޓީސީސީން ރެކޯޑު އާމްދަނީއެއް ހޯދާފައިވާއިރު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ވެސް އެހެން އަހަރުތަކަށްވުރެ ބޮޑު އަދަދެއް ބެހުމަށް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ. އެގޮތުން، ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި، މިއަހަރު އޮންނަ އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅީ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!