މުޅި އުތުރުގެ އުންމީދާއި ގުޅިފައިވާ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.

Ad
rt

މި މަޝްރޫޢަކީ ޝައުގުވެރި މަޝްރޫޢު އެއް ނަމަވެސް މިހާތަނަށް މި މަޝްރޫޢު ފެށިގެން މިހާތަނަށް މަޝްރޫޢުގެ އަދާހަމަ ފޮޓޯތަކެއް ކުލަވެފައެއް ނުވެއެވެ. ނަމަވެސް ރަށްރަށުގެ މަސްވެރިކަމުގެ ހާލަތު ދެނެގަތުމުގެ އިތުރުން އެ ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދައާއި ދަނޑުވެރިކަމާއި ކާންބޯން ކުރާ އެހެނިހެން މަސައްކަތްތައް ދެނެގަތުމަށް ޒުވާން މަސްވެރިޔާ، (ހަސަން ސާޖިން) ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ދަތުރުގައި ހަނިމާދޫ އަށް ކުރި ޒިޔާރަތަށްފަހު މި ވަނީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެންމެފަހުގެ ފޮޓޯތައް މީސް މީޑިއާއަށް ދޫކޮށްލާފައެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ

ޒުވާން މަސްވެރިޔާގެ މި ދަތުރުގައި ހއ. އަތޮޅުގެ 14 ރަށަށްފަހު، ހދ. އަތޮޅުގެ ފުރަތަމަ މަންޒިލަކަށް ދަތުރުކޮށްފައި ވަނީ ހަނިމާދޫ އަށެވެ. އެރަށުން އޭނާގެ ޝައުޤު ހުއްޓުނު ކަންކަމުގެ ފޮޓޯތައް އޭނާ ހިންގާ މީސްމީޑިއާގެ ޕޭޖުތަކަށް މިހާރު ވަނީ އަޕްލޯޑްކޮށްފައެވެ. މިގޮތުން، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެންމެފަހުގެ ފޮޓޯތައް ވެސް އޭނާގެ ފޭސްބުކް ޕޭޖާއި، ޓްވީޓާ އަދި ޓެލެގްރާމް ޗެނަލުން ވެސް ފެންނަން ހުރިއިރު، މިއީ މި މަޝްރޫގެ އެންމެ އަދާހަމަ ފޮޓޯތައް ދެކިލަން އޭނާ ފަހިކޮށްދިން ފަހި ފުރުސަތެކެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ

މި މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: ޒުވާން މަސްވެރިޔާ

މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: ޒުވާން މަސްވެރިޔާ

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހަގީގީ ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ފޮޓޯ: ޒުވާން މަސްވެރިޔާ

ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.