މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ފައިސާއިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7062.65 ރުފިޔާއެވެ. ނަމަވެސް މިފަހަރުގެ ޢަދަދު ވަނީ އިތުރުވެފައެވެ.
މިގޮތުން، އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި އެ މިނިސްޓްރީން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55 ރުފިޔާއެވެ.
މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. އެހެންކަމުން އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާވަރަށް ފައިސާހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ 1 އަހަރުވުމުން، ޝަރުއީ ހަމަތަކާއި އެއްގޮތައް އޭގެ 40 ބައިކުޅަ އެއްބައި (2.5 ޕަސެންޓު)މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!