ހދ. ހަނިމާދޫ "ކެތިއަރާ މަސްރޭސް 2023" ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމުން ހޯދައިފިއެވެ.
ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. ޢީދު ދުވަހު އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު އިއްޔެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ވަނީ ބާއްވާފައެވެ.
ފިރިހެން ބައިގެ ޗެމްޕިއަންކަން 118.4 ކިލޯ މަސް ބާނައިގެން ޓީމް ރަނޑުލަކި ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 93.5 ކިލޯ މަސް ބޭނި ސިލްވާޓިޕް ޓީމުންނެވެ. ތިންވަނަ ހޯދާފައި ވަނީ މާކުން ޓީމެވެ. އެ ޓީމުން ވަނީ 83.9 ކިލޯ މަސް ބާނާފައެވެ.
މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަށް ހިވިފައި ވަނީ ދިރުން ފިޝިންޓީމެވެ. އެ ޓީމުން ވަނީ 137 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނައިގެން މާ ކެޔޮޅަށް ހޮވިފައި ވަނީ ދިރުން ފިޝިންޓީމްގެ މުޙައްމަދު ހެސެއިން އެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 5.9 ކިލޯއެވެ.
މި މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކުން ބާނާފައިވާ މަހުގެ ޖުމްލަ ބަރުދަނަކީ 808.3 ކިލޯއެވެ. މިއީ މި މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިވި އަދި އެންމެ ގިނަ މަސް ބޭނި އަހަރެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ރަނޑުލަކި، ޓީމް ރިހަފޮޅި، މާކުން، ޓީމް ހިބަރު، ޓީމް ގިނި 1، ޓީމް ގިނި 2، ދިރުން ފިޝިންޓީމް، ކަނޑުރޯދި، ޓީމް ފާގަތި، ލަގޮނޑި، ސިލްވާޓިޕް، ފެތުރިސް، ޓީމް ކަރީ، ހުނި ގޮނޑި، އަދި ޓީމް ކުޗްކުޗް ހޯތާހޭ އެވެ.
ކެތިއަރާއިން ވަނީ އަންނަ އަހަރު މުބާރާތަށް ޓީމް އެކުލަވާލުމުގައި ބަދަލުތަކެއް ގެންނާނެ ކަން ހާމަކޮށްފައެވެ. އެ ކުލަބުން ބުނެފައި ވަނީ މި އަހަރު މުބާރާތުގައި ބައިވެރިވި ޓީމްތައް އަންނަ އަހަރުގެ މުބާރާތަށް މިހާރު ރަޖިސްޓަރީ ވީ ކަމަށާއި، މި ޓީމްތަކުން އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވާން ފީ ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އަލަށް ބައިވެރިވާ ޓީމްތަކަށް ފީ ދައްކަން ޖެހޭނެ ކަމަށާއި، މިހާރު ރަޖިސްޓަރީ ވެފައިވާ ޓީމް ނޫން އެހެން ޓީމަކަށް ބަދަލުވާނަމަ އެ ބަދަލުވުމަށް ކުޑަ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
މި އަހަރުގެ މުބާރާތުގެ އެއްވަނަ ޓީމަށް ވަނީ 7000 (ހަތްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!